ރާއްޖޭގެ ރަށެއްގައި ވަޒީފާ އަދާކުރާ އިންޑިއާގެ
ދެ ނަރުހަކު މިދިޔަ އަހަރު އެ ރަށުން
މާލެ އައީ އަލަތު ކައިވެނިކުރުމަށްޓަކައި އެނބުރި ގައުމަށް ދިއުމަށެވެ. ނަމަވެސް އެ ދެ މީހުން ބޮޑު
ހަރަދުކޮށްގެން މާލޭގައި އެތައް
ދުވަހެއް ވަންދެން ތިބި އިރު ވެސް ހެލްތު މިނިސްޓްރީން އެމީހުންގެ ޕާސްޕޯޓު ދުލެއް ނުކުރި އެވެ. އެންމެ ފަހުން އެމީހުންގެ
ކައިވެނި "ރޫޅުނީ" އެވެ. އިންޑިއާގެ ސަގާފަތް އޮންނަ ގޮތުން ކައިވެނީގެ ރަސްމިއްޔާތަށް ނާދެވިއްޖެ ނަމަ އެހާ ހިސާބުން އެ ޖެހުނީ ބޮޑު
ލައްގަނޑެކެވެ. އަލުން އާ ކައިވެންޏެއް
ކުރަން އެތައް އަހަރެއް ނަގަ އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ބުނާ ގޮތުގައި
ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް
މި ނޫން ވެސް އެތައް މައްސަލައެއް ކުރިމަތިވެ އެވެ. ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް އިހާނެތިކޮށް ކަންތައް
ކުރާ ކަމުގެ 500 އަށް ވުރެ ގިނަ
ޝަކުވާ މިދިޔަ އަހަރު އެކަނި ވެސް ލިބިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.
ސަރުކާރުގައި ވަޒީފާ އަދާކުރާ ބޭރު މީހުންގެ
ޕާސްޕޯޓް ހިފެހެއްޓުމާއި އެމީހުންނަށް
ދިމާވާ ބޮޑެތި މައްސަލަތަކުގައި ކުއްލިއަކަށް ފުރޭ ގޮތް ނުވުމަކީ ވެސް ސީރިއަސް ކަމެއްގެ ގޮތުގައި އިންޑިއާ ހައި
ކޮމިޝަންގެ އިތުރުން
ރާއްޖޭގައި މަސައްކަތްކުރާ އެހެން މީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުން ވެސް ނަގަ އެވެ.
މިހާރު ރާއްޖެ އަކީ ހިއުމަން ޓްރެފިކިންގެ
ނުރައްކާ ހާލަތުގައި އޮތް ގައުމެކެވެ.
މިއީ ގައުމީ ވަރަށް ބޮޑު އަދި އެހާމެ ނާޒުކު މައްސަލައެކެވެ.
ދިވެހިންނަށް ނުކުރެވިގެން އުޅޭ
"އާދައިގެ" މަސައްކަތް ކުރުވަން ގެންނަ ބޭރު މީހާ އުޅެން ޖެހެނީ އެމީހުން ގެންނަ ދިވެހި މީހާގެ
"އަޅުވެތި" ކަމުގަ އެވެ.
އޭނާގެ ޕާސްޕޯޓް އޮންނަނީ ދިވެހި މީހާގެ އަތުގަ އެވެ. މުސާރަ ދެނީ ވެރިމީހާ ހިތަށް އެރި މަހެއްގަ އެވެ. ނިދަން ޖެހެނީ
ކުޑަކުޑަ ކޮޓަރިއެއްގައި،
އެތައް ބަޔަކު ފިތި ބާރުވެގެންނެވެ. އަމިއްލަ ކުންފުންޏަކުން ގެންނަ މީހަކަށް ވިޔަސް ސަރުކާރުގެ
ވަޒީފާއަކަށް ގެންނަ މީހަކަސް ތަފާތެއް
ނެތެވެ. ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލުކުރާ އިހާނެތި ގޮތެއް ހިއުމަން ޓްރެފިކިން ކަމުގައި ބަލާ ހުރިހާ މިންގަނޑުތަކަކަށް ފެތެ އެވެ.
ޓްރެފިކިން އާއި ސްމަގްލިން
އެމެރިކާ އިން ބުރާސްފަތި ދުވަހު ނެރުނު
"ޓްރެފިކިން އިން ޕާސަންސް" ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް ކަމަކީ ސަރުކާރުގެ އޮފިޝަލުންގެ މެދުގައި ހިއުމަން ޓްރެފިކިންއާ ގުޅޭ
ކަންތައްތަކުގައި ހޭލުންތެރިކަން
ކުޑަކަމެވެ. ހާއްސަކޮށް ހިއުމަން ޓްރެފިކިން އާއި ހިއުމަން ސްމަގްލިން އަކީ އެއް ކަމެއް ކަމަށް ހީވެފައި އޮތުމެވެ.
ރާއްޖޭގެ ހާލަތު މިގޮތަށް އޮތް
އިރު، މި ދެ ކަމުގެ އެއްގޮތް ކަމުން، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބައެއް ފަހަރަށް މި ތަފާތު ކުރުން
ނުގެންގުޅޭ ކަން ބައިނަލްއަގުވާމީ
އިދާރާތަކުން ފާހަގަކުރެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހިއުމަން
ޓްރެފިކިން މާނަކުރަނީ އެ ގައުމެއްގެ
އިމުގެ ތެރޭގައި ނުވަތަ ބޯޑަރު ހުރަސްކޮށް ވިޔަސް މީހެއްގެ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ގޮތުގަ އެވެ. އެއިގެ
ތެރޭގައި މައިގަނޑު
ގޮތެއްގައި ހިމެނެނީ މީހެއްގެ ނާޖާއިޒު ފައިދާ ނެގުމަށް އެމީހެއްގެ އަމިއްލަ މިނިވަންކަމާއި އަމިއްލަވަންތަކަމަށް
އަރައިގަތުމެވެ. އެކަން
ހާސިލުކުރަނީ ބިރުދައްކައިގެންނާއި ގަދަކަމުން ކަންކަން ކުރުވައިގެންނާއި ބާރުގެ ބޭނުންކޮށްގެންނާއި
އޮޅުވާލައިގެންނެވެ.
ހިއުމަން ޓްރެފިކިން އާ ހިލާފަށް ހިއުމަން ސްމަގްލިން
އަކީ އެއް ގައުމުން އަނެއް
ގައުމަށް، އާއްމުކޮށް ގާނޫނާ ހިލާފަށް، އެތެރެ ވުމަށް އެހީތެރިވެ ދިނުން ނުވަތަ އެކަމަށް މަގުފަހިކޮށްދިނުމެވެ.
ޓްރެފިކިންއާ ހިލާފަށް ހިއުމަން
ސްމަގްލިން އަކީ ދެ ފަރާތް އެއްބަސްވެގެން ކުރެވޭ ވިޔަފާރީގެ މުއާމަލާތެކެވެ. އަދި އެކަމުގައި އެއްވެސް
މީހެއްގެ ހައްގަކަށް އަރައިގަތުމުގެ
ބަދަލުގައި އެކަމުން ފައިދާ ލިބެނީ ސްމަގްލް ކުރާ މީހާ އަށެވެ.






0 comments:
Post a Comment
އަޅުގަނޑު މެނަށް ހިޔާލު ފޮނުވުމަކީ ލިބޭ ކުރިއެރުމެއް