Friday, January 18, 2013
ސަރުކާރުން ބަލަހައްޓަން ޖެހޭ ކުދިން ސަރުކާރަށް ބޮޑު ބުރައަކަށް؟
10:35 PM
0 comments
އަނެއްކާވެސް ކުޑަކުދިންނާ ގުޅުން ހުރި އާ މައްސަލައެކެވެ. ސަރުކާރުން
ހިންގާ ކުޑަކުދިންގެ ހިޔާގައި ތިބި ދެ އަންހެންކުއްޖަކު މާފުށީ ޖަލަށް
ގެންދިއުމާ އެކު މައްސަލަ ހޫނުވި ސަބަބުތަކެއްވެ އެވެ. އޭގެ ފަހަތުގައި
ވަނީ ކުޑަކުދިން ރައްކާތެރިކުރުމުގައި އިހުމާލުވުމުގެ ކަންބޮޑުވުމެވެ.
ކުޑަކުދިންގެ ހިޔާ އަކީ އަނިޔާ ލިބޭ ކުދިންނާއި ބަލާނެ މީހަކު ނެތް
ކުދިން ފަދަ، ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބަން ޖެހޭ ކުދިންނަށް
ޚާއްސަ ތަނެކެވެ. އެ ތަނުގައި ތިބޭނީ ކޮންމެވެސް ކަހަލަ ބޭއިންސާފެއް
ނުވަތަ ޖިންސީ، ޖިސްމާނީ، ނަފްސާނީ މެދުވެރިވެފައިވާ ކުދިންނެވެ. ޚާއްސަ
ސަމާލުކަމާއި އެހީތެރިކަމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނެވެ. ވީއިރު،
ފުރަތަމަ ސުވާލަކީ އެ ތަނުގައި ތިބޭ ކުދިންނަށް ފިލައިގެން ދެވޭ ގޮތް ވާން
ޖެހެނީ ކީއްވެގެންތޯ އެވެ
.
"ފުރަތަމަ ބަލަން ޖެހެނީ ހިޔާ އިން ފިލައިގެން ދެވުނީ ކީއްވެގެންތޯ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް ދައުލަތުގެ މަރުކަޒަކުން
ފިލައިގެން ދިޔަ މައްސަލަ، ފުރަތަމަ ތަހުގީގުކުރަން ޖެހޭނީ،" ހޯޕް ފޯ
ވިމެންގެ އެއް ފައުންޑަރު އަދި ކުރީގެ ޖެންޑަ މިނިސްޓަރު އަނީސާ އަހުމަދު
ވިދާޅުވި އެވެ
.
ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން
ހައްޔަރުކުރި 15 އަހަރާއި 16 އަހަރުގެ ދެ ކުދިން ދޫނިދޫގައި ބަންދުކޮށް
އެންމެ ފަހުން މާފުށީ ޖަލަށް ގެންދިޔަ މައްސަލަ ހިއުމަން ރައިޓްސް
ކޮމިޝަނުން ނެގީ ވަރަށް ސީރިއަސް ކޮށެވެ. އެއާ އެކު އެ ކޮމިޝަނުން އެ
ކުދިންނާ ބައްދަލުކުރި އެވެ. އަދި އެ ކުދިން ބަންދުކޮށްފައި ތިބީ
ނުހައްގުން އަދި ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ މި މައްސަލަ ފުރަތަމަ
ފަހަރަށް އާއްމުކުރި އެވެ. ނަތީޖާއެއްގެ ގޮތުން، އެ ކުދިންނާ ހަވާލުވެގެން
އުޅޭ ޖެންޑަ މިނިސްޓްރީ އާއި އެޗްއާރުސީއެމްއާ ދެމެދު ބޮޑު ކޯޅުމެއް ވަނީ
އުފެދިފަ އެވެ. އެ ދެ ތަނުން މީޑިއާގައި ބަދަލުކުރަމުންދާ ބަހުގެ
ހަމަލާތަކަކީ ރާއްޖޭގައި އާއްމުކޮށް ހިނގާ ކަހަލަ ކަމެއް ވެސް ނޫނެވެ. މިހާ
ފާޅުކަން ބޮޑު ގޮތެއްގައި މިނިވަން މުއައްސަސާއަކާއި ސަރުކާރު "ޖެހިގެން"
އުޅޭ މަންޒަރެއް ކުރިން ފެނިފައެއް ނުވެ އެވެ
.
ކުޑަ އަންހެންކުދިންނަށް މާފުށީ ޖަލުގައި ވަކިން ތަނެއް ޚާއްސަކޮށްފައި
ހުރެ އެވެ. އެކަމަކު އެއީ ހުކުމް ތަންފީޒުކުރާ ކުދިން ބައިތިއްބާ
ތަނެކެވެ. ކުށެއް ސާބިތު ނުވަނީސް، އަޚުލާގީ މައްސަލައެއްގައި، ނުވަތަ އެ
ނޫން ވެސް ސަބަބަކާ ހެދި ކުދިންތަކެއް އެ ތަނުގައި ކުށްވެރިންނާ އެކު
ބަންދުކުރުމަކީ ސުވާލު އުފެދޭ ނިންމުމެކެވެ. އަމުދުން، ޚާއްސަ
ރައްކާތެރިކަން ލިބެން ޖެހޭ ދެ ކުއްޖަކު ޖަލަށް ލުމަކީ އެޗްއާރުސީއެމްގެ
އިތުރުން އަނީސާ އަށް ވެސް ބަލައިގަނެވޭ ކަމެއް ނޫނެވެ
.
"އެ ދެ ކުދިން ޖަލުގައި ބޭތިއްބުމުގެ އެއްވެސް ޖަސްޓިފިކޭޝަނެއް ނެތް.
އެ ކުދިން އެ ތަނުން ނެރެން އެބަ ޖެހޭ. ކުޑަކުދިންގެ ހިޔާގެ ބަދަލަކަށް
ޖަލު ވެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ
.
ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ އެ ކުދިން ހައްޔަރުކުރީ ކުށުގެ
ވެށިން ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ. އެ ކުދިން
ކުޑަކުދިންގެ ހިޔާގައި ބޭތިއްބުމަކީ އެހެން ކުދިންނަށް ނޭދެވޭ އަސަރުކުރާނެ
ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ ކުދިން މާފުށީގައި
ބޭތިއްބީ، ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ
އިސްލާހުކުރުމުގެ ޕްރޮގްރާމްގެ ދަށުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެކަމަކު އެ ޔުނިޓުން މިހާތަނަކަށް އެ ކުދިންނާ ބައްދަލުކޮށްފައެއް ނުވެ
އެވެ
.
އަނިޔާ ލިބޭ ކުދިންނަށް ރައްކާތެރިކަން ދީ ހިމާޔަތްކުރުމުގައި ސަރުކާރު
މީގެ ކުރިން ވެސް ކިތަންމެ ފަހަރަކު ފެއިލް ވެފައި އެބަހުއްޓެވެ. މިދިޔަ
އަހަރުގެ ޖޫން މަހު ށ. ފޭދޫގައި ވިހޭ 15 އަހަރުގެ އަންހެންކުއްޖާ އަށް
ތަކުރާރުކޮށް ޖިންސީ އަނިޔާ ލިބެމުންދިޔަ ކަން ކަމާބެހޭ ފަރާތްތަކަށް މާ
ކުރިންސުރެ އޮތީ އެނގިފަ އެވެ. އޭގެ އެއް މަސް ކުރިން ހދ. ވައިކަރަދޫން
ލޯންޗެއްގައި ފިލި ދެބެއިންނަކީ ވެސް ހަމަ ސިސްޓަމް ދޯހަޅިވުމުން
ރައްކާތެރި ނުކުރެވި ތިބި ދެ އަންހެންކުދިންނެވެ. އޭގެ ކުރިންނާއި ފަހުން
ވެސް އެކި ކަންތައްތައް ހިނގާފައި އެބަހުއްޓެވެ. މި ކަންކަމުން ފެންނަނީ
ސަރުކާރުން ބަލަހައްޓަން ޖެހޭ ކުދިން ސަރުކާރަށް ބޮޑު ބުރައަކަށް ވެގެން
އުޅޭ މަންޒަރެވެ. ކުޑަކުދިންގެ ހިޔާގައި ވެސް މައްސަލަތަކެވެ
.
ނުވަ އަހަރުން ދަށުގެ ކުދިން ބަލަހައްޓަން ޚާއްސަކޮށްފައިވާ ހިޔާގައި
އެއަށް ވުރެ ދޮށީ ކުދިން ތިބުމުގެ ނަތީޖާ ރަނގަޅެއް ނޫނެވެ. ދޮށީ އުމުރުގެ
ކުދިން ބަލަހައްޓަން ބޭނުންވާ ތަމްރީނާއި ގާބިލްކަމެއް ކުޑަކުދިންގެ ހިޔާގެ
މުވައްޒަފުންނަކަށް ލިބިގެނެއް ނުވާނެ އެވެ. އަދި ހުރިހާ އުމުރެއްގެ
ކުދިން މަސްހުނިކޮށްފައި ބޭތިއްބުމަކީ ކުދިންނަށް ވެސް ނޭދެވޭ އަސަރުތައް
ކުރާނެ ކަމެކެވެ. ވީއިރު، ދޮށީ ކުދިން އެ ތަނުގައި ގެންގުޅުން ހުއްޓާލަން
ސަރުކާރުން ނޫޅެނީ ކީއްވެގެން ހެއްޔެވެ؟ ކުޑަކުދިންގެ ހިޔާއާ ޖެހިގެން
ވިލިމާލޭގައި ހުރި ހަ ބުރީގެ އިމާރާތް މިހާރު ވަނީ ވިމެންސް ޝެލްޓާ އެއްގެ
ގޮތުގައި ހަމަޖައްސާފަ އެވެ. ވީއިރު އެ ތަން ނުހިންގާ ހުރީ ކީއްވެގެންތޯ
ސުވާލު އުފެދެ އެވެ. ހާލުގައި ޖެހި، ދައުލަތުގެ ހިމާޔަތް ބޭނުންވާ
އަންހެނުންނަށް ޚާއްސަ އެ ތަނަށް، މާފުށީގައި ތިބި ދެ ކުދިން
ގެންދެވުނީހެވެ.
ކުޑަކުދިންނާއި އަންހެނުން ރައްކާތެރިކުރުމުގެ ދާއިރާގައި ބޮޑެތި
މައްސަލަތައް އެބަހުއްޓެވެ. އެކަމަށް ޚާއްސަ ސެންޓަރެއް ކޮންމެ
އަތޮޅެއްގައި ހަދާފައި ހުއްޓަސް ޚިދުމަތެއް ނުދެވެ އެވެ. ޖެންޑަ
މިނިސްޓްރީގެ ޝަކުވާ އަކީ ފަންނީ އަދި މާލީ ގާބިލްކަން ނެތުމެވެ. ތަމްރީން
ލިބިފައިވާ މީހުން މަދުވުމާއި ބަޖެޓު ކުޑަވުމުގެ ސަބަބުން ބޮޑެތި
ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ މިނިސްޓްރީން އދ އަށް އެންމެ
ފަހުން ހުށަހެޅި ސީޑޯ ރިޕޯޓްގައި ބުނެފައިވެ އެވެ. ޖެންޑާ މިނިސްޓަރަކު
ނެތްތާ ވެސް ދެ މަސް ދުވަސް ވީ އެވެ. އަނިޔާގެ މައްސަލަތައް މިހާ ބޮޑު
ގައުމެއްގައި ސަރުކާރު މި އަށް ވުރެ ޒިންމާދާރުވާން ޖެހެ އެވެ.










